ރާއްޖެއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އިތުރު ކޭސްއެއް ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ބަލީގެ ކޭސްއެއް މާލެއިން ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. މިގޮތުން ބަލީގެ އިތުރު ކޭސްއެއް ފެނޭތޯ އަދިވެސް ދަނީ ބަލަމުންނެވެ.
އިންވޭސިވް މެނިންގޯކޮކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސީރިއަސް ބައްޔެކެވެ.
އެޗްޕީއޭއިން ބުނީ ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތައް ކަމަށެވެ.
އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން ހިމެނެއެވެ.
މި ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެއެވެ.
މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ.
ބަލި ޖެހިފައިވާ މީހާއާ އެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.
ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތްތަކެވެ.

