މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ، މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ހައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރަތްކުރައްވައި، ވަކިވަކި ހައްޖާޖީންނާ ބައްދަލު ކުރައްވައި، ހާލު އަހުވާލު އައްސަވައި، އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު، އެމަނިކުފާނު ވަނީ ސައުދީ އަރަބިއްޔާގެ ވަލީ އަހްދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ މެދުގައި އޮންނަ އުހުއްވަތްތެރި ގުޅުން، ދެ ގައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތަކާމެދު ހިޔާލު ބަދަލުކުރައްވާފައެވެ.
އަދި ރައީސް ވަނީ، ސައުދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ހައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ހިދުމަތަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށާއި ވަލީއަހުދަށް، ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ، ހިޒް އެކްސެލެންސީ ޑޮކްޓަރ ތައުފީގު ބިން ފައުޒާން އައްރަބީއާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ.
މި ފުރުސަތުގައިވެސް ރައީސް ވަނީ ހައްޖުގެ އިންތިޒާމުތައް ފުރިހަމަކުރެއްވުމަށް ސައުދީ ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާއެކު ހައްޖާޖީންގެ ދަތުރު ފަތުރަށް ލިބުނު ލުއިފަސޭހަކަން ފާހަގަކުރައްވައި، ދިވެހި ހައްޖާޖީންނަށް ދެއްވި ހާއްސަ މެހުމާންދާރީއަށާއި، އިންތިޒާމުތަކުގެ ފުރިހަމަކަމަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި ހާރިޖީ ވަޒީރު ޑޮކްޓަރ އަބްދުﷲ ހަލީލްގެ ދެކަނބަލުންނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައުދު އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިހު މުހައްމަދު ލަތީފްގެ ދެކަނބަލުން އަދި ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީ ބައިވެރިވެވަޑައިގެންނެވިއެވެ.

