ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި ހޭދަ ކުރެއްވި ހީވާގި ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޝެއިޚު ފަރީދު މިއަދު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝެއިޚު އަވަހާރަވި ޚަބަރު އަޑު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ.
”އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިޔާ މަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދަކީ، ޚުލްޤު ހެޔޮ، އަޅުވެރިއެކެވެ. ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތެވެ.“ ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މަރްޙޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވުމަށް އެދި ރައީސް ދުޢާ ކުރެއްވެވިއެވެ.
”ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން.“ ރައީސްގެ ޕޯސްޓުގައި އިތުރަށް ލިޔުއްވައިފައިވެއެވެ.
ޝެއިޚު ފަރީދު އަވާހަރަވީ، ކޮންފަރެންސް އަކަށް މެލޭޝިޔާއަށް ވަޑައިގެންނެވިތާ ކުޑައިރުކޮޅެއްްގެ ފަހުންނެވެ.
އެގޮތުން އެބޭފުޅާ ފްލައިޓުން ފައިބައިވަޑައިގެން އެއާޕޯޓްގައި ހުންނަވަނިކޮށް، ކުއްލި އަކަށް ސިއްހީ މައްސަލައެއް ދިމާވެ ވެއްޓިވަޑައިގަތީއެވެ. ފަރީދަށް އަވަސް ފަރުވާ ދެމުންދަނިކޮށް ވަނީ އަވަހާރަވެފައެވެ.

