ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން އެޖެންޑާކޮށްފިއެވެ.

އީދު ޗުއްޓީ އަށް ފަހު މިއަދު ރަސްމީ މަސައްކަތް ފެށި ނަމަވެސް، މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ.

މާދަމާ ޖަލްސާއެއް ބާއްވަން ނިިންމައި އެޖެންޑާކޮށްފައި ވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރިއަށް ގެންދިއުމެވެ.

މީގެ އިތުރުން ނޭޕާލަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓު ސަފީރު ހަމަޖެއްސުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން ވެސް މާދާމާގެ ޖަލްސާގައި އޮންނާނެއެވެ.

މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން ވެސް އޮންނާނެއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު ޖަލްސާތައް ބާއްވަން ޖެހެއެވެ.