ފަލަސްތީނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އިހާބް އިބްރާހީމް މުހައްމަދު ހަލީލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.
ފަލަސްތީންގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް މަގާމުގެ ފަތްކޮޅު އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ.
ސަފީރު ވަނީ، ފަލަސްތީނުގެ ހައްގުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަކުރައްވައި، އެކަމުގެ އަގުވަޒަންކުރައްވާކަން ހާމަކުރައްވާފައެވެ.
އަދި ފަލަސްތީނުގެ ހައްގުގައި ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި މެދުނުކެނޑި އަޑުއުފުލަމުން ދާ ދިއުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްތީނުގެ ހައްގުގައި އަޑުއުފުލުމުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ދެބޭފުޅުންވެސް ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ، 4 އެޕްރީލް 1982 ގައެވެ.

