އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސިވިލާތުގެ ލަންޑަނަށް ދަތުރު ފެށިތަނާ މާގިނައިރުތަކެއްނުވެ، ފްލައިޓް އޭ 171 ވެއްޓުނު ހާދިސާގައި 290 މީހުން މަރުވެފައިވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެފިއެވެ.

އިއްޔެ މެންދުރު ލަންޑަނަށް ދިޔުމަށް ފުރި ފްލައިޓުގައި 242 މީހުން ތިއްބެވެ. ފްލައިޓު ވެއްޓުނު ހާދިސާގައި ސަލާމަތްވީ އިނގިރޭސިވިލާތަށް ނިސްބަތްވާ، އިންޑިއާ ނަސްލުގެ މީހެއް އެކަންޏެވެ.

ފުލުހުން ބުނާ ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ފްލައިޓު ތެރޭގައި ތިބި މީހުންނާއި، ފްލައިޓު ވެއްޓުނު ސަރަހައްދުގައި އެވަގުތު އުޅުނު މީހުން ހިމެނެއެވެ.

ފްލައިޓު ވެއްޓިފައިވަނީ އަހުމަދުއާބާދުގައި ހުންނަ ޑޮކްޓަރުންގެ ހޮސްޓެލްއަކަށެވެ.

ވެއްޓުނު ފްލައިޓަކީ ބޮއިން 8-787 ޑްރީމްލައިނަރއެކެވެ. މިއީ ޑްރީމްލައިނަރއެއް ވެއްޓުނު ފުރަތަމަ ފަހަރެވެ. މި ހާދިސާއާ ގުޅިގެން ބޮއިން އިން ބުނީ އެއާ އިންޑިއާ އަށް އެހީވާން ތައްޔާރަށް ތިބި ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބޮއިންގެ ސީއީއޯ ކެލީ އޯޓްބާގް ވަނީ، އަންނަ ހަފްތާގައި ޕެރިސްގައި ބާއްވާ އެއާ ޝޯ ބައްލަވައިލެއްވުމަށް، އެ ސިޓީ އަށް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ދަތުރު ވެސް ކެންސަލް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ފްލައިޓު ވެއްޓުނު ހާދިސާގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

އެއާ އިންޑިއާގެ ފްލައިޓް އޭ171 ވެއްޓުނީ އަހުމަދުއާބާދުގެ އެއާޕޯޓުން ނައްޓާލިތާ މިނެޓެއްވެސް ނުވަނީހެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަންނަނީ ތަހުގީގު ކުރަމުންނެވެ.