މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ކުއްލިގޮތަކަށް އަވަހާރަވީ ނޫން ކަމަށާއި ބަޔަކު އެބޭފުޅާ ޝަހީދުކޮށްލެއްވީ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ކުރީގެ ހޯމް މިނިސްޓަރު އިމްރާންގެ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ. އަބްދުލްމަޖީދުގެ ކުއްލި މަރާ ގުޅިގެން މި ހުރިހާ ދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބަށް އަތުވެއްޖެ ކަމަށެވެ.

”ޑރ. އަބްދުލްމަޖީދު ރަޙިމަހުالله ގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާ ދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބަށް އަތުވެއްޖެއެވެ. އާނއެކެވެ. ޑޮކްޓަރު މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ.“ އިމްރާން ލިޔުއްވައިފައިވެއެވެ.

މިކަމާ ގުޅިގެން އޭނާ އިތުރު ތަފްސީލެއް ލިޔުއްވައިފައެއް ނުވެއެވެ.

ޑރ.އަބްދުލްމަޖީދު އަވަހާރަވީ، 2018 ވަނަ އަހަރުގައި ސްޓްރޯކެއް ޖެހިވަޑައިގެންނެވެ. އޭރު އޭނާގެ އުމުރުފުޅުން 55 އަހަރެވެ. އޭނާ އަކީ ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ.