ދިވެހިރާއްޖެއާ ކައިރިން، އިންޑިއާ ކަނޑުގެ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ، ރާއްޖެއާ 669 ކިލޯމީޓަރު ދުރުން، ކާލްސްބާގް ރިޖަށެވެ.

މިއީ 5.4 މެގްނިޓިއުޑް ބާރު މިނުގައި އައި ބިންހެލުމެކެވެ.

ރާއްޖެ ގަޑިން މިއަދު ހަވީރު 4:32 ގައި އައިސްފައިވާ މި ބިންހެލުން ޔޫއެސް ޖިއޮލޮޖިކަލް ސަރވޭގެ ވެބްސައިޓުގައި، ނޯޓުކޮށްފައި ވަނީ ”ބޯލްޑް“ އަކުރުންނެވެ. އެ ވެބްސައިޓުގައި 4.5 މެގްނިޓިއުޑަށްވުރެ ބާރުގަދަ ބިންހެލުންތައް ބޯލްޑްކޮށް ލިޔެފައި ހުރެއެވެ.

މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ނެތެވެ.

ކާލްސްބާގް ރިޖަށް ފާއިތުވި އަހަރެއްހައި ދުވަހުގެ ތެރޭގައި 15 ބިންހެލުން އައިސްފައިވެއެވެ. ފާއިތުވި 7 ދުވަހުގެ ތެރޭގައި ވެސް އެ ސަރަހައްދަށް 5.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ.

މި ސަރަހައްދަށް އެންމެ ބާރުގަދަ ބިންހެލުމެއް އައިސްފައިވަނީ 2003 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު އައިސްފައިވާ މި ބިންހެލުމާ ގުޅޭ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.