މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ޒަމްއަތު އަހުމަދު ވަހީދު އައްޔަނު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން ވޯޓު ދެއްވި 56 މެންބަރުންގެ އިއްތިފާގުން ފާސްވެފައިވަނީ ޒަމްއަތު ބްރޯޑްކޮމްއަށް އައްޔަނު ކުރެއްވުމަށެވެ.

އެ ކޮމިޝަނުގެ މެންބަރު އައިމިނަތު އަމީނާގެ މަގާމުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.

އެހެންވެ، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 6 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ދިރާސާކުރެއްވުމަށްފަހުއެވެ.