ރ އިނގުރައިދޫއިން މަސްތުވާތަކެތި ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި ހައްޔަރުކުރެވުނު ފަރާތަކީ ދަފްތަރު ނަންބަރު 2689، އަލީ ޝަރީފެވެ. އޭނާގެ އުމުރުން 62 އަހަރެވެ.
މިއީ ފުލުހުންނަށް ލިބުނު ސިއްރު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރު ކުރި މީހެކެވެ.
މި އޮޕަރޭޝަނުގެ ތެރޭގައި ޝަރީފްގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ މާއްދާ ހުރި ހަތަރު ސެލޯފިން ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.
މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި، ކޯޓު އަމުރެއްގެ ދަށުން އަލީ ޝަރީފް ވަނީ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ.
މި މައްސަލައިގެ ތަހުގީގު އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ކުރިއަށް ގެންދަމުންނެވެ.

