އިޒްރޭލު-އިރާނު ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެއްޖެނަމަ، މަސްރަހު ވަރަށް ގޯސްވާނެކަމުގެ އިންޒާރު އިރާނުން ދީފިއެވެ.
އިރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު، ސައީދު ޚަތީބުޒާދޭ ”ބީބީސީ“ އަށް ވިދާޅުވީ، މިއީ އެމެރިކާގެ ހަނގުރާމައެއް ނޫން ކަމަށާއި، އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް، މި ހަނގުރާމައަށް ވަދެއްޖެނަމަ، ތާރީހުގައި ޓްރަމްޕްގެ ހަނދާން އައު ކުރާނީ ”ކަމާ ނުބެހޭ“ ހަނގުރާމައަކަށް ވަތް ރައީސްއެއްގެ ގޮތުގައި ކަމަށެވެ.
އަދި މިއީ ސަރަހައްދީ ”ނަރަކަ“އަށް އުފެދިގެން ދިޔުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ެއިރާނުން މިހެން ބުނެ އިންޒާރު ދިންއިރު، އެމެރިކާއިން ވައިޓް ހައުސްއިން ބުނީ، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި، އެ ގައުމުން އިޒްރޭލް-އިރާނު ހަނގުރާމައިގެ ތެރެއަށް ވަނުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
ރަޝިއާއިން ވަނީ އެމެރިކާ އިން މިކަމުގެ ތެރެއަށް ނުވަނުމަށް ގޮވައިލައިފައެވެ. އެ ގައުމުން ބުނީ، މި ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެއްޖެނަމަ، ސަރަހައްދުގެ ސަލާމަތަށް ނުރައްކާވެ، ”ނިޔުކްލިއަރ ޑިޒާސްޓަރ“ އަކަށް ވެދާނެ ކަމަށެވެ.
އިޒްރޭލާ އިރާނުން ހަނގުރާމަ ފެށިތާ 8 ދުވަސް ވެފައިވާއިރު، ދެ ފަރާތުން ވެސް ދަނީ އެކި ތަންތަނަށް ހަމަލާތައް ދެމުންނެވެ. އިރާނާ ހަނގުރާމަ ކުރަމުންދާއިރު ވެސް، ފަލަސްޠީނުގެ ޣައްޒާ އަށް ވެސް އިޒްރޭލުން ހަމަލާދެއެވެ.
އެގޮތުން އިއްޔެ އެކަނި ދިން ހަމަލާތަކެއްގައިވެސް ޣައްޒާގެ 90 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

