ހުޅުމާލެ ފޭސް 1 ނިރޮޅުމަގު، އައި.އޯ. އެން ފިހާރަ ކުރިމަތީގައި އޮންނަ ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހޯދައި ހައްޔަރުކޮށްފިއެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި ޖޫން މަހުގެ 16 ވަނަ ދުވަހުގެ 14:10 އެހައިކަންހާއިރުއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އެ މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޫންލައިޓްވިލާ، މުޙައްމަދު ނާޝިއު (20އ)އެވެ.

މީނާއަކީ އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާއެވެ. މީނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެކެވެ.

ޖޫން 19 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.