އިމްތިހާނުތަކުން ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށްވާން ދިމާވާ ސަބަބުތައް ދެނެގަތުމަށް މި އަހަރުގެ ތެރޭގައި ރެޕިޑް އެސެސްމަންޓެއް ހެދުމަށް ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު މިކަން ހާމަކުރެއްވީ، މަތީ އަރުތަވެރިންގެ އިނާމުގެ ދިނުމުގެ ދެ ވަނަ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ.
މިހާރު އޭލެވެލްއަށް ކިޔަވަމުންދާ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފުރިހަމަކުރި 7672 ދަރިވަރުންގެ ތެރެއިން ފާސްވެފައިވަނީ %46 ދަރިވަރުންކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ ފާސްވި ދަރިވަރުންގެ ތެރެއިން ގިނައީ އަންހެން ދަރިވަރުންކަން ފާހަގަކުރައްވައިފައެވެ.
އޯލެވެލް އިމްތިހާނު 3804 ފިރިހެން ދަރިވަރުން ހެދިއިރު އޭގެ ތެރެއިން ފާސްވެފައިވަނީ %44 ފިރިހެން ދަރިވަރުންކަމަށާއި 3868 އަންހެން ދަރިވަރުން އިމްތިހާނު ހެދިއިރު، ފާސްވި އިންސައްތައަކީ %56 ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އޭލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ފާސްވެފައިވަނީ %46 ފިރިހެން ދަރިވަރުންނާއި %54 އަންހެން ދަރިވަރުންކަމަށެވެ.
އެހެންކަމުން އިމްތިހާނުތަކުން ފާސްވާ ދަރިވަރުންގެ ޖިންސުގެ ގޮތުން ބޮޑު ފަރަގެއް އޮތްކަން ފާހަގަކުރެވޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”1980 ގެ ރިކޯޑްސްތަކަށް ބަލާއިރު އާބާދީގެ ގާތްގަޑަކަށް %60 އަންހެނުންނަކަށް ލިޔަން ކިޔާކަށް ނޭ.ގެ. އެހެންނަމަވެސް ރާއްޖެ ހޯދި ކާމިޔާބީއަކީ، މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ ލިޔަންކިޔަން ދަންނަ ނިސްބަތް %100 އާ ހަމައަށް ގާތްވެފައިވާއިރު، ސެކަންޑަރީ ސްކޫލް ނިންމާ ހިސާބުގައި ގެޕް އަންނަން ފަށައިފިނަމަ މުސްތަގުބަލުގައި ގޮންޖެހުންތައް ހުންނާނެ.“ ޝަފީއު ވިދާޅުވިއެވެ.
ފިރިހެން ކުދިންގެ ނަތީޖާ މިހާރަށްވުރެ ރަނގަޅުކޮށް އަންހެން ކުދިންނާއި އެއްހަމައަކަށް ގެނައުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ނުކޮށްފިނަމަ ގިނަ އަސަރުތަކެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފިރިހެން ކުދިންގެ ނަތީޖާ ދައްވާން ދިމާވާ ސަބަބުތައް ދެނެގަތުމަށް މިއަހަރުގެ ތެރޭގައި ރެޕިޑް އެސެސްމަންޓެއް ހަދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

