”ހާޖީ އެމްވީ“ މި ނަމުގައި ހައްޖާއި އުމްރާއާއި ގުޅޭ ހާއްސަ އެޕެއް އިސްލާމިކް މިނިސްޓްރީން ލޯންޗުކޮށްފިއެވެ.

މި އެޕް ލޯންޗުކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު ހަސަންއެވެ.

ހާޖީ އެމްވީ އެޕަކީ ފަސޭހައިން ހައްޖާއި އުމްރާއާ ބެހޭ މައުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ.

މީގެ އިތުރުން ޒިކުރުކުރުމާއި ތަވާފާއި ސައުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ގުރުއާނާއި ސުންނަތުން ސާބިތުވާ ދުއާތަކާއި ހައްޖާއި އުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީހާ ބެހޭ ވީޑިއޯ ވެސް ބެލެން ހުންނާނެއެވެ.

މިއީ އެޕްގެ ފުރަތަމަ ވާރޝަންއެވެ. މި އެޕް މިހާރު ފޯނުތަކަށް ލިބޭނީ ގޫގުލް ޕްލޭސްޓޯރުންނެވެ.

އަދި އެޕަލް އެޕް ސްޓޯއިންވެސް މި އެޕް ލިބޭނެ އިންތިޒާމް ކުރިއަށް އޮތްތަނުގައި ހަމަޖެހިގެންދާނެއެވެ.

މި އެޕް އިތުރަށް ތަރައްގީ ކުރެވިގެން ދާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި އެޕްގެ އަމާޒަކީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުން ކަމަށެވެ.

މި އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މައުލޫމާތެކެވެ.

މި އެޕްގެ ސަބަބުން ދުއާފޮތްތަކާއި ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯނުން އެކަނި މިދާއިރާއާ ގުޅޭ މައުލޫމާތު ހާސިލު ކުރެވޭނެއެވެ.