އަލުން އަނބުރާ ގެއަށް އާދެވުމުން، އެ އަންނަ ހިނި ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ވަކިވެވަޑައިގެންތާ ދެ އަހަރެއްހައި ދުވަސް ފަހުން އެމަނިކުފާނު މިރޭ ވަނީ އެނބުރި އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ނަޝީދު އެމްޑީޕީ ދޫކުރައްވައި، ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވިއެވެ. އޭރު ނަޝީދު ވަނީ އެމްޑީޕީ ”ރޫޅާލާނަން“ ކަމަށް ވިދާޅުވެ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެސް އެ ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރައްވައިފައެވެ.
މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި، ދެ އަހަރު ފަހުން އަލުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެން ނަޝީދު ވިދާޅުވީ، މިރޭ އެމަނިކުފާނަށް ކުރެއްވެނީ އެނބުރި ގެއަށް އާދެވުމުން ކުރެވޭ ފޮނި އިހުސާސް ކަމަށެވެ.
”އަލުން އަނބުރާ ރަށަށް އާދެވުމުން، ގެއަށް އާދެވުމުން އެވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން، އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑުގެ ހިތުން ދުވަހަކު ވެސް ފިލައިގެންނެއް ނުދާނެ،“ ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަފުޅުގައި އިދިކޮޅު އެމްޑީޕީއަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އެ އިންތިހާބުގައި ސަރުކާރަށް ލިބޭނީ 20 އިންސައްތަ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

