ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު ފުލުހުންގެ ފަރާތުން ދިއްކޮށްލެވޭ އަތަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ދިއްކޮށްލެވޭ އަތަކަށް ވާންޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

ސީޕީ ނަވީން މިހެން ވިދާޅުވީ އިންސްޕެކްޓަރ ކޯސް 4 ފުރިހަމަކުރި ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނަވީން ވަނީ އިންސްޕެކްޓަރ ކޯސް 4 ފުރިހަމަކުރެއްވި ހުރިހާ ބައިވެރިންނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

ހާއްސަކޮށް މި ކޯހުން އެއްވަނަ ހާސިލުކުރެއްވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ނިޒާމް މުޙައްމަދު ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުހަބާ ވިދާޅުވިއެވެ.

ނަވީން ވިދާޅުވި ގޮތުގައި އިންސްޕެކްޓަރ ކޯހަކީ ފުލުހުންގެ ކެރިއާގައި ކޮމިޝަންޑް އޮފިސަރަކަށް ވުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ.

ފުލުހުންގެ ހިދުމަތުގައި ކުރިއަށް ދިއުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ހިންގޭ ވަރަށް މުހިންމު ކޯހެއް ކަމުގައި ނަވީން ފާހަގަކުރެއްވިއެވެ.

މި ކޯހުގެ ތެރެއިން، ގާނޫނީ ގޮތުން ހަވާލުވާ ޒިންމާތަކާއި އަދާކުރަންޖެހޭ ކަންކަން ދެނެގަނެ، މަސައްކަތް ތަރުތީބުކޮށް މެނޭޖުކުރުމަށް ދަސްކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.

”މި ޚިދުމަތުން އުންމީދުކުރަނީ މި ކޯސް ފުރިހަމަ ކުރުމުން ޒަމާނީ ފުލުހުންގެ ހިދުމަތަކަށް ލޯހުޅުވި، ހިދުމަތްކުރުމަށް ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަންކަން ހައްލުކުރެވޭނެ ގާބިލުކަން ލިބިގެންދިޔަ ކަމަށް،“  ނަވީން ވިދާޅުވިއެވެ.

އިންސްޕެކްޓަރ ކޯހުގެ މައިގަނޑު އަސާސަކީ މި ކޯސް ފުރިހަމަކުރާ އޮފިސަރުންނަށް އިންސްޕެކްޓަރު ރޭންކުގެ ޒިންމާ އަދާކުރެވޭ މިންގަނޑަށް ހުނަރާއި އިލްމު ލައިދިނުން ކަމަށް ވެސް ސީޕީ ނަވީން ވިދާޅުވިއެވެ.

ކޯސް ފުރިހަމަކޮށް މަސައްކަތަށް އެނބުރި ދާއިރު، ގާބިލް އޮފިސަރެއްގެ ކިބައިން ފެންނަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި، މަސައްކަތުގެ މައިދާނުގައި ކޯހުން ލިބުނު އިލްމާއި ހުނަރު ބޭނުންކުރަން ޖެހޭނެ ކަމަށް އެ މަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ހާއްސަކޮށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ފާހަގަކުރެއްވީ، ފުލުހުންގެ އެހީތެރިކަން ބޭނުންވެގެން ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު، ފުލުހުންގެ ފަރާތުން ދިއްކޮށްލެވޭ އަތަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ދިއްކޮށްލެވޭ އަތަކަށް ވާންޖެހޭނެ ކަމެވެ.

”ފުލުހުންގެ ފަރާތުން އެހީތެރިކަމަށް އެދެނީ އެ ރައްޔިތަކަށް އެންމެ ކަންބޮޑުވާ ހިސާބަށް ކަންތައްތައް ގޮސްގެން، އަލިމަގެއް ނުފެނިގެން. އެހެންވީމާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ބައިވެރިންގެ ފަރާތުން އެދެން،“ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ.