ޅ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިންގ ކްރާފްޓުން ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ހޯދައިފިއެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ ”އެލްސީ 308“ ލޭންޑިންގ ކްރާފްޓުން 06 މީހުން ދަތުރުކުރިއެވެ.
އޭގެތެރޭގައި ހިމެނެނީ 2 ސިފައިންނާއި, 1 އާންމު ފަރާތް އަދި 3 ބިދޭސީންނެވެ.
އެމްއެންޑީއެފުން ބުނީ، އެ އުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.
އަދި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު ވަނީ ހޯދާފައެވެ.
”ވޮރަންޓް އޮފިސަރ 2 އަލީ ހަމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމުގައި، އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ.“ އެމްއެންޑީއެފުން ބުންޏެެވެ.
މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.
އެ އުޅަނދުން ދަތުރުކުރި 3 ބިދޭސީ މީހުންނަކީ ބަންގުލަދޭޝް އަށް ނިސްބަތްވާ 3 މީހުންނެވެ.

