މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު، މި ދުނިޔެއާއި ވަކިވެގެން ދިއުމަކީ ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހާމިދު ނިޔާވި ޅ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް، ސިވެކްގެ ލޭންޑިން ކްރާފްޓު ބަންޑުންވި ހާދިސާގައެވެ. އެ އުޅަނދު ބަންޑުންވީ ކާށިދޫ ކަނޑަށެވެ.

މި ހާދިސާގައި ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ވަނީ ހޯދައިފައެވެ.

ރައީސް މުއިއްޒު އެކްސްގައި ޕޯސްޓެއް ކުރައްވައި ވިދާޅުވީ ހާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ހިދުމަތްކުރައްވާފައި ކަމަށެވެ.

”ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީވެސް ގައުމީ ހިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށެވެ.“ ރައީސް ވިދާޅުވިއެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުހޫމުގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލެއްވުމަށާއި އާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުން އެދި ދުއާ ކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ލޭންޑިން ކްރާފްޓް ބަންޑުން ޖަހައިލި ހާދިސާގައި ގެއްލުނު ބިދޭސީއަކު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ލޭންޑިން ކްރާފްޓުން ދަތުރުކުރި 3 ބިދޭސީ މީހުންނަކީ ބަންގުލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ.