ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ރަސްމީ ދަތުރެއްގައި ތުރުކީ އަށް ވަޑައިގެންފިއެވެ.

މި ދަތުރަކީ މާދަމާ އިން ފެށިގެން މި މަހުހެ 29 އަށް ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ބާއްވާ ”ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025“ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.

އެ ފޯރަމްގެ މައިގަނޑު މަގްސަދަކީ ދަތުރުފަތުރުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ބައިނަލްއަޤްވާމީ ޖަމުއިއްޔާތަކުގެ އިސް ބޭފުޅުންނާއި، މާލީ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރގެ އިސްވެރިންނާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންނީ ބޭފުޅުން އެއްތަނަކަށް ޖަމާކޮށް، ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ވިއުގަތައް ތަރައްގީ ކުރުމާއި އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުމެވެ.

ފޯރަމްގައި 20 އަށް ވުރެ ގިނަ ތީމެޓިކް ޕެނަލް ސެޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވެއެވެ.

ފޯރަމްގެ މަޝްވަރާތައް އަމާޒުކޮށްފައި ވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށްޓާ ރައްޓެހި ބަދަލުތަކާއި، އަދި ދުނިޔޭގެ ފެންވަރުގައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށެވެ.

މީގެ އިތުރުން، ފޯރަމްގައި ހާއްސަ ސަމާލުކަމެއް ދެވޭނީ ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގަތައް އެއްކޮށްލައިގެން ރަނގަޅަށް ތަރައްގީ ކުރާނެ ގޮތާއި، އަސާސީ ވަސީލަތްތަކަށް އިންވެސްޓްކުރުމުގައި ހުރި ދަތިތައް ފޫބެއްދުމާއި، އަދި ސަރުކާރުތަކާއި، ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކާއި އަދި އަމިއްލަ ވިޔަފާރިތަކުގެ މެދުގައި އެއްބާރުލުން އިތުރު ކުރުމަށެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިފްތިތާހުކޮށް ދެއްވާ ފޯރަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޝަންގެ ޕެނަލިސްޓެއްގެ ގޮތުގައި މިނިސްޓަރު އަމީން ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.

މި ސެޝަނަކީ އެކި ގައުމުތަކާއި މުއައްސަސާތަކުގެ މެދުގައި ކަނޑުމަގުގެ ގުޅުމުގެ މުސްތަގުބަލް ބައްޓަން ކުރުމުގައި ދެމިގެންދާ އިސްކަންދޭ ކަންތައްތަކާއި، އަމަލީ ހަގީގަތަކާއި، އެއްބާރުލުމުގެ މަގުތަކާ ބެހޭގޮތުން އިސްތިރާޖީ މަޝްވަރާކުރުމަށް ރޭވިފައިވާ މުހިންމު މަންސައެކެވެ.