ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސްގެ ތަހުނިޔާ

މި މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުތަކުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ކުރިއަށް މިއޮތް އަހަރަކީ ސުލްހަވެރި އަދި ފާގަތި އަހަރަކަށް ވުމަށް އެދިވަޑައިގެން، މާތްﷲގެ ރަޙުމަތާއި ތެދުމަގު، އެންމެހައި މުސްލިމް ގައުމުތަކަށް ދެއްކެވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެއެވެ.

އެމަނިކުފާނުގެ މި މެސެޖުތަކުގައިވެސް، ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަވުމަށް ގޮވާލައްވައި، ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްތީނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އޯގާތެރިކަމާއި، އަޒުމާއެކު މުސްލިމް ދުނިޔެ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

އަދި ފަލަސްތީނުގެ މިނިވަން އަދި އިސްތިގްލާލީ ދައުލަތެއް ގާއިމުކުރެވި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހެދުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.

އެމަނިކުފާނުގެ މެސެޖްތައް ނިންމަވާލައްވަމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ނިކަމެތި މުސްލިމް މުޖުތަމައުތަކަށް ސުލްހަމަސަލަސްކަމާއި އިންސާފާއި އެހީތެރިކަން ލިބުމަށް އެދިވަޑައިގެން، މި އަހަރަކީ އެއްބައިވަންތަކަމާއި ސާބިތުކަމުގައި ކުރިއަށް ދެވޭނެ އަހަރެއްގެ ގޮތުގައި ލެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވާފައިވެއެވެ.