‏ޖޫން މަސް ނިމުމުގެ ކުރިން ރ އަތޮޅުގައި ފެރީ ހިދުމަތް ފެށުމަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް މިއަދު އެ އަތޮޅުގައި ފެރީ ހިދުމަތް ފެށިގެން ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިއަދު އެކްސް އަދި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މި ހިދުމަތް ފެށުމުގެ މުނާސަބަތުގައި ރ އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

”ހަމަ އެއާ އެކު، ޖުލައި ނިމުމުގެ ކުރިން ބ އަތޮޅުގަައި ފެރީ ގެ ހިދުމަތް ފަށާނެ ކަމަށް އަޅުގަނޑު ވީ ވައުދާ އެއްގޮތަށް އެ އަތޮޅުގެ ހިދުމަތްވެސް ފެށިގެންދާނެ، އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރިޔަށް.“ ރައީީސް ވިދާޅުވިއެވެ.

އަދި ދެން ހުރިހާ އަތޮޅެއްގައި މި އަހަރު ނިމުމުގެ ކުރިން ފެރީ ހިދުމަތް ފަށާނެ ކަމަށް ވެވަޑައިގެންވި ވަދުވެސް ފުދިގެންދާނެ ކަމުގެ ޔަގީންކަން ރައީީސް ވަނީ ދެއްވައިފައެވެ.

ރައީސް ވިދާޅުވީ، އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރިޔަށް ކަމަށެވެ.

ރ އަތޮޅުގައި މިއަދު އާރްޓީއެލްގެ ހިދުމަތް ފެށިއިރު، އެ އަތޮޅަކީ މި ހިދުމަތް ފެށި 10 ވަނަ އަތޮޅެވެ.

މި ހިދުމަތަށް އެ އަތޮޅުގެ ރައްޔިތުން އަހުލުވެރި ކުރުވުމަށްޓަކައި، އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ހިލޭ ދަތުރުތައް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި އެ ތާރީހުގެ ފަހުން، ޓިކެޓު ގަންނަން ޖެހޭއިރު، އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ގަނެވޭނެއެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ގުޅިގެންނެވެ.