ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ރައީސް ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވާނީ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ.

މިއީ ރާއްޖެ އާއި ލަންކާ ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ ދުވަހެވެ.

ލަންކާގެ ރައީސްގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށްވެސް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

މިއީ ލަންކާގެ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ލަންކާގެ ނޫސްތަކުން ރިޕޯޓު ކުރިނަމަވެސް، ދިވެހި ސަރުކާރުން މިކަމާ ގުޅޭ މަޢުލޫމާތު އަދި ހިއްސާކޮށްފައެއް ނުވެއެވެ.