އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްގީ ކުރުމަށް ގެންގުޅުއްވާ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާނު ކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ މެނިފެސްޓޯ އަދި ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައި ބަޔާންކުރައްވާފައިވާ ގޮތަށް، މި މަޝްރޫޢުގެ ދަށުން ސަރުކާރުން އިސްކަންދެއްވާނީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު އަދި އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރެއްވުމަށެވެ.
މި މަޝްރޫއު ކުރިއަށް ގެންދާނީ ގިނަ ދާއިރާތަކެއް ހިމެނޭ ގޮތަށް، އޭގެ ތެރޭގައި އެކިކަހަލަ ލުއިތަކާއި، އިސްތިސްނާތައް ދީގެން، އިންވެސްޓްކުރުމާއި، އަދި މާކެޓިންގެ މަސައްކަތްތައްވެސް ހިމެނޭ ގޮތަށެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އިންވެސްޓްމަންޓް އިތުރުކޮށް، ސަރަޙައްދީ އަދި އިގްތިސާދީ ހަރަކާތްތައް ކުރިއެރުވުމެވެ.
ރައީސް ވިދާޅުވީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އަންނަ ހަފްތާގައި މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރައްވާނެ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ޢާންމު ދަތުރުފަތުރުގެ ވަސީލަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، ދިވެހިރާއްޖެ މިހާރު ވަނީ ފަތުރުވެރިކަމުގެ އައު ބާބެއް ފެށުމަށް ތައްޔާރުވެފައެވެ.

