ޕިއްޒާއެއް އޯޑަރ ކޮށްލުމަކީ މިހާރު މާ އުނދަގޫ ކަމެއްނޫނެވެ. ތަފާތުއެކި ރަހަތަކުގެ ޕިއްޒާ ވިއްކާ ކެފޭ ރެސްޓޯރަންޓްތައް މަދެއްނޫނެވެ. ނެޓްފްލިކްސްއަށް އާ ފިލްމެއް އަޔަސް ޕިއްޒާއެއް އޯޑަރ ކޮށްލަންވީއެވެ. ދޮންބެއަށް ޕްރޮމޯޝަނެއް ލިބުނަސް ޕިއްޒާއެއް އޯޑާ ކޮށްލަންވީއެވެ. ދޮންތަ ގްރެޖުއޭޓް ވުމުން ވެސް ޕިއްޒާއެއް އޯޑަރ ކޮށްލަން ވީއެވެ. ކޮންމެ މުނާސަބަތަކަށް ވެސް މިވަރެއް ނެތެވެ.
ޕިއްޒާ އަކީ ހަމަ އެކަނި ކެއުމެއް ނޫނެވެ. މީ އިހުސާސެކެވެ. އުފަލެކެވެ. އަހަރެމެންގެ ހިތާ ގުޅިފައިވާ މުޅި ދުނިޔެއަށް ވެސް މަޝްހޫރު ހިތްހަމަޖެހުމެކެވެ.
އިނގެރޭސި ބަހުގައި “ Pizza“ މިފަދައިން ލިޔެފައިވާ މި ލަފްޒު ކިޔުމުގައި ކިޔަނީ ”Peet-suh“ (ޕީޓްސާ) އެވެ. ދިވެހިންގެ ތެރޭގައި އާންމުކޮށް ކިޔާ އުޅެނީ “ ޕިއްޒާ“ އެވެ. ކޮންމެ އަކަސް މައްސަލައެއްނެތެވެ. އެބަޔަކަށް ކިޔައިލަން ފަސޭހަ ނަމެއް ކިޔަންވީތާއެވެ!

އެންމެ ފުރަތަމަ ޕިއްޒާ ހެދީ ކޮންބައެއް؟
ތާރީހީ ލިޔުންތަކުން އެނގެން އޮތް ގޮތުގައި، ޕިއްޒާ އެންމެ ފުރަތަމަ ވުޖޫދަށް އައިސްފައި ވަނީ އިޓަލީގެ ދެކުނުގައި އޮންނަ ”ނަޕްލްސް“ ސިޓީއިންނެވެ. އެއީ އެމީހުންގެ ސްޓްރީޓް ފުޑް އެކެވެ. އެ ސިޓީގައި އުޅުނު ފަގީރުންގެ މެދުގައި ފްލެޓު ބްރެޑުގައި ޓޮމާޓޯ ހާކައިގެން ވިއްކުން އޮތީ އާއްމުވެފައެވެ.
19 ވަނަ ގަރުނުގައި އިޓަލީގެ ރާނީ މާގެރީޓާ އެ ސިޓީއަށް ކުރެއްވި ދަތުރެއްގައި އެކަމަނާއަށް ވެދުމަށް ޕިއްޒާއެއް އެރުވި ހިސާބަކީ، ޕިއްޒާގެ މަގުބޫލުކަމުގެ ފެށުމެވެ.
އިޓަލީގެ ދިދަ ރަމްޒު ކޮށްދޭ މި ޕިއްޒާގެ ސަބަބުން މާގެރީޓާ ޕިއްޒާގެ ނަމުން މި ޕިއްޒާ މަޝްހޫރު ވިއެވެ.
20 ވަނަ ގަރުނުގެ ތެރޭގައި އިޓަލީގެ ހިޖުރަވެރިން، އެމެރިކާއަށް ޕިއްޒާ ގެންދިޔައެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައަށް ފަހުގައި، އިޓަލީގައި ގާއިމުވެ ތިބި އެމެރިކާގެ ސިފައިން ވެސް، ޕިއްޒާ މަޝްހޫރު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކަމަށްވެއެވެ.

ޕިއްޒާގެ ތަފާތު ވައްތަރުތައް
އެކި އެކި ރަހަތަކުގައި، ދުނިޔޭގެ އެކި ހިސާބުތަކުގައި އެބައެއްގެ ސަގާފަތާއި ގުޅުން ހުރި ގޮތަށް ޕިއްޒާ ތައްޔާރު ކޮށްލައެވެ. މިގޮތުން ދުނިޔޭގެ އެންމެ މަޝްހޫރު ޕިއްޒާ ރަހަތަކަށް އަލި އަލިއަޅުވައި ލާނަމެވެ.
މާގަރިޓާ ޕިއްޒާ: މޮޒަރެއްލާ ޗީޒް، ޓޮމާޓޯ އަދި ބާސިލް ހިމެނޭ މި ޕިއްޒާ އަކީ ލިސްޓުގެ އެއްވަނަ އެވެ. މިއީ މުޅި ދުނިޔެ ދަންނަ ޕިއްޒާ އެކޭ ބުނެވިދާނެއެވެ.
ޕެޕަރޯނީ ޕިއްޒާ: ކުޅިކޮށް ތައްޔާރުކުރެވިފައިވާ ޕެޕަރޯނީ ފޮތިތައް ހިމެނޭ މި ޕިއްޒާ އަކީ ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ މީރު ފްލޭވާރ އެކެވެ.
ބާބަކިއު ޗިކަން: މިއީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ޕިއްޒާ އެކެވެ. ސްމޯކީ ބާބަކިއު ސޯސް، ގްރިލްޑް ކުކުޅު، ފިޔާ އަދި ޗީސް ހިމަނައިގެން ތައްޔާރު ކޮށްފައިވާ މި ޕިއްޒާ އަކީ ޕިއްޒާ އޯޑަރ ކުރާނަމަ، ކޮންމެހެން ހިމަނަން ޖެހޭ އެއްޗެކެވެ.
ހާވާއިއަން ޕިއްޒާ: މީދެން ފަހަކަށް އައިސް އެންމެ ބޮޑު ބަހުސް އެއް ކުރެވޭ ޕީއްޒާއެވެ. ސަބަބަކީ މީގައި އަލަނާސި ހިމެނޭ ތީއެވެ. އެއްބަޔަކަށް މީރުވީ އިރު އަނެއް ބަޔަކު ހަޖޫޖަހަމުން ގެންދިޔަ ޕިއްޒާއެކެވެ. މި ބަހުސްގެ ސަބަބުން މި ޕއްޒާ މަގުބޫލުވެ މިވިއްކާ މީހުންނަށް ބޮޑެތި މަންފާ ވެސް ވިއެވެ.
ވެޖް ޕިއްޒާ: މަޝްރޫމް، ފިޔާ، ޒައިތޫނި، ބެލް ޕެޕާ އަދި މިނޫންވެސް ބާވަތްތައް ހިމެނޭ މި ޕިއްޒާ އަކީވެސް މަގުބޫލު ޕިއްޒާ އެކެވެ.
ތަންދޫރީ ޗިކަން ޕިއްޒާ: މީ އިންޑިއާގެ މަޝްހޫރު ޕިއްޒާއެކެވެ. އަދި ރާއްޖޭގައި ވެސް އެހާމެ މަޝްހޫރުކަން ލިބިފައިވާ މީރު ޕިއްޒާއެކެވެ.
ސީފުޑް ޕިއްޒާ: މިއީ ދެން ރާއްޖެއާ އެންމެ ގުޅޭ އެއް ރަހައޭ ބުނެވިދާނެއެވެ. ސީ ފުޑް އަކީ ދިވެހިންނަށް ފަރިތަ އެއްޗެކެވެ. ޓޫނާ ޕިއްޒާ އެއް ތައްޔާރު ކޮށްލުމަކީ މާބޮޑު ކަމެއް ނޫނެވެ.

ދިވެހިންގެ ތެރޭގައި ޕިއްޒާ ތައްޔާރުކޮށްލަނީ އެކި ރަހަތަކުންނެވެ. ބޯވަ ކޮށާފައިވެސް ޕިއްޒާ ހަދާ ލަނީއެވެ. މަނާ ކަމުގައި ވިޔަސް ވެލާމަހުން ވެސް ޕިއްޒާ ތައްޔާރު ކުރާކަމަށް އަޑު ފެތުރިފައިވެއެވެ.
އަދި މިވަރަކުން ނިމުނީކީއެއްނޫނެވެ. ރިހާކުރު ޕިއްޒާ އާއި ނޫޑުލިސް ޕިއްޒާވެސް ތައްޔާރު ކޮށްލަނީއެވެ. އިޓަލީ މީހުންނަކަށް ބެލުމެއްނެތެވެ.
ފަރުމަހާއި، އިއްސާ ޝްރިންޕުންވެސް ޕިއްޒާ ތައްޔާރު ކުރެއެވެ. ދިވެހީންނަކީ ތަފާތު ބައެކެވެ. ބޭކްޑް ބީންސް ޕިއްޒާ ހަނދާން ނައްތާލާއިގެން ނުވާނެއެވެ. ފޮނި ޕިއްޒާވެސް ތައްޔާރު ކޮށްލަނީއެވެ. ރޯދަމަހާއި ޖެހުނީމައި، މަންމަމެން އިޓަލީ މީހުންނަކަށް ފަރުވާލެއް ނުބަހައްޓައެވެ. ބަލަނީ ޕިއްޒާ ހެދޭތޯއެވެ.
ޕިއްޒާ އަކީ ދިވެހިން ލޯބިކުރާ މީރު ކެއުމެކެވެ. އެންމެ މީރު ޕިއްޒާ ލިބެނީ ކޮންތާކުންކަމާމެދު ބަހުސް އަކަށް ދެވިދާނެއެވެ. އެކި ފްލޭވާރ އެކި ތަންތަނުން ލިބެން ހުރުމުންނެވެ. ޕިއްޒާ އޯޑަރ ކުރުމަކީ އާއިލާއަށް ލިބޭ އުފަލެކެވެ. އެ އޯޑަރ އަންނަންދެން ޑެލިވަރީ ބޯއީގެ ކޯލްގެ އިންތިޒާރުގައި އާއިލާއާއެކު ހޭދަކުރާ ވަގުތަކީ އުފާވެރި ވަގުތު ކޮޅެކެވެ. އެކޯލު އައުމުންއެވާ އުފަލަކީ އަދި ބަޔާންކޮށްދޭން ނޭނގޭފަދަ އުފަލެކެވެ.
ޕިއްޒާގެ ވާހަކަ ވަރަށް ދެއްކިއްޖެއެވެ. ދެން އޯޑަރ ކޮށްނުލާ ވާނެހެނެއް ހީނުވެއެވެ. ގުޅާލަންވީ ކޮންތާކަށްތޯއެވެ؟

