މިދިޔަ ބުރާސްފަތި ދުވަހު ރ. ފައިނުގައި ހިނގި އެކްސިޑެންޓާ ގުޅިގެން ބޮޑެތި އަނިޔާތަކެއް ލިބުމުން، އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ ތިން މީހުންގެ ތެރެއިން ދެ ކުދިން ވެންޓިލޭޓަރުން ނަގައިފިއެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 16 އަހަރާއި 14 އަހަރުގެ ފިރިހެން ކުދިންނަށެވެ. އެ ދެކުދިން ވެންޓިލޭޓަރުން ނަގާފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.
މި ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ސައިކަލު ދުއްވަން އިންއިރު، އަނެއް ކުއްޖާ އިނީ ސައިކަލު ފަހަތުގައެވެ.
އެ ދެކުދިން ބާރު ސްޕީޑުގައި ދުއްވި ސައިކަލު ޖެހުނީ، ފައިނު ސްކޫލްގެ ޕްރިންސިޕަލާއި އިސްލާމް ޓީޗަރުގެ ގައިގައެވެ.
އެކްސިޑެންޓްގައި ހަތަރު މީހުންނަށް ވެސް އަނިޔާވިއެވެ. ފުލުހުން ވަނީ، އެ ހާދިސާގައި ސީރިއަސް އަނިޔާތައް ލިބުނީ 49 އަހަރުގެ މީހަކަށް ކަމަށް ބުނެފައެވެ. އޭނާ އަށް އަދިވެސް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.
އަދި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

