ތުރުކީވިލާތުގެ ގްރޭންޑް ނެޝަނަލް އެސެމްބްލީގެ ހާއްސަ ވަފުދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ވަފުދުގައި ތުރުކީ-ރާއްޖެ އިންޓަ ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންވެސް ހިމެނެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެ ބައްދަލުވުމުގައި ފަލަސްތީނުގެ މައްސަލައިގައި ތުރުކީވިލާތުން ގެންގުޅޭ ސިޔާސަތަށް ރާއްޖެއިން ތައުރީފުކުރައްވާކަން ރައީސް ވަނީ ހާމަކުރައްވައިފައެވެ.
އަދި ރާއްޖެއިންވެސް އެފަދަ ހަރުދަނާ ސިޔާސަތެއް ގެންގުޅޭ ކަމަށް ވިދާޅުވިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ގައުމީ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވައިލައްވައިފައި ކަމަށެވެ.
އެގޮތުން، އިގުތިސާދީ އިސްލާހީ މަސައްކަތްތަކާއި، ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމަށް ހިންގާ ޕްރޮގްރާމްތަކާ އަދި އިއާދަކުރަނިވި ހަކަތައަށް ކުރެވޭ އިންވެސްޓްމަންޓާ ބެހޭ މައުލޫމާތު އެ މަނިކުފާނު ވަނީ ވަފުދާ ހިއްސާކުރައްވައިފައެވެ.

