ރައީސް ޑރ.މުހައްމަދު މުއިއްޒު، ސިންގަޕޫރުގެ ބޮޑުވަޒީރު އަދި މާލީ ވަޒީރު، ހިޒް އެކްސަލަންސީ ލޯވްރެންސް ވޮންގްއާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒުއާއި ބޮޑުވަޒީރު ވޮންގް ދެއްކެވި ވާހަކަފުޅުގައި، ރައީސް ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މި ދަނޑިވަޅަކީ، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ސިޔާސީ ގުޅުމުގެ ރަންޔޫބީލް އަހަރުކަން ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސިންގަޕޫރުގެ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، ވަކިން ހާއްސަކޮށް، މަސްވެރިކަމުގެ އެކްސްޕޯޓްތަކަށް އައު ބާޒާރުތައް ހޯދައި، އިގްތިސާދު ސިންދަފާތުކުރުމާ ގުޅޭ ގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒުއާ ބޮޑުވަޒީރު ވޮންގް ވަނީ ވާހަކަފުޅުދައްކަވާފައެވެ.
2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ހަކަތަ ކަމުގައި ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވެ، އިއާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވުނަކުރެވިދާނެ ގޮތްތަކުގެ މައްޗަށްވެސް ދެބޭފުޅުންގެ މަޝްވަރާތަކުގައި އަލިއަޅުއްވައިލެއްވިއެވެ.
މީގެ އިތުރުން، ތައުލީމާއި، އިންސާނީ ވަސީލަތް ކުރިއެރުވުމާއި، އާބަން ޕްލޭނިންގްގެ ދާއިރާއިން ފަންނީ އިލްމު ހިއްސާ ކުރުން ހިމެނޭހެން ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންވެސް ދެބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.
އަދި ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން ރާއްޖެއާއި ސިންގަޕޫރުން އެކިއެކި މަންސަތަކުގައި އިތުރަށް ގުޅުން ބަދަހިކޮށް، ވަކީން ޚާއްސަކޮށް މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރާ އަސަރުތަކުގައި، ދެޤައުމަށް އޮތް ގޮންޖެހުންތަކާއި މެދު ހަރުދަނާ ގޮތެއްގައި އަޑުއުފުލުމާމެދު، މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން، އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
ދިވެހިރާއްޖެއާ ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރީ 1975 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

