އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭ.ޕީ.ޕީ.ޖީ)ގެ ބައްދަލުކުރެއްވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

އޭޕީޕީޖީގެ ކޯ-ޗެއަރ، ޔާސްމީން ގުރެއިޝީ އެމް.ޕީ، ބައްދަލުވުން ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކަށް އޮތް ޒިންމާގެ މައްޗަށާއި، އެފަދަ ޤައުމުތަކަށް ފޯރުކޮށްދޭންވާ މާލީ އަދި ފަންނީ އެހީތެރިކަމާއި، ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައިވެއެވެ.

މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ މެދުގައި އޮތް ބަދަހި ގުޅުމަކީ އިޙްތިރާމާއި، އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށާއި، މިގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އިސްކަންދެއްވާނެކަމުގައި ވިދާޅުވިއެވެ.

އަދި، ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއި، ދިފާއީ ދާއިރާ ހަރުދަނާކުރުމާއި، މި ދާއިރާތަކުން ކެޕޭސިޓީ އިތުރުކުރުމުގައި އިނގިރޭސިވިލާތުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ރައީސް ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން، ތަޢުލީމާއި ސަގާފީ ރޮގުން ދެ ގައުމުގެ މެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާލައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި އޭޕީޕީޖީއިން އަދާކުރަމުންދާ ދައުރަށް ފުރިހަމަ އިތުބާރުއޮތް ކަމަށްވެސް ވިދާޅުވިއެވެ.

ބައްދަލުވުން އިފްތިތާހު ކުރުމުގެ ވާހަކަފުޅުތަކަށްފަހު، ދެޤައުމުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރައްވާފައެވެ.