އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (ތިންވަނަ) އާ ރައީސް މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަސްގެފާނު ޗާލްސްއާ ބައްދަލުކުރެއްވީ ޝާހީ ގަނޑުވަރު ވިންޑްސާ ކާސަލްގައި ބޭއްވި ”ޕްރައިވެޓް އޯޑިއަންސް“ އެއްގޮތަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ރައީސް މުއިއްޒުގެ އެ ދަތުރުފުޅުގައި ދިވެހީންނަށް އިނގިރޭސިވިލާތުން ސްކޮލާޝިޕްގެ ފުރުސަތުތައް އިތުރުކޮށްދިނުމާ ގުޅޭގޮތުން އެ ގައުމުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ޑޭވިޑް ލެމީ އެމްޕީ، އާ މަޝްވަރާކުރައްވައިފައިވެއެވެ.

ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ، އިނގިރޭސީންގެ ކިބައިން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ގައެވެ.

މި އަހަރަކީ، ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.