އިނގިރޭސިވިލާތުގެ ލަންޑަންގައި އިއްޔެ ހަވީރު ބޭއްވި ”މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް“ގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މިއީ ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމްކުރައްވައިގެން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ސިލްސިލާ ފޯރަމްގެ 8 ވަނަ ބައްދަލުވުމެވެ.

އިނގިރޭސިވިލާތުގެ ކޯޕަރޭޓް ސެކްޓަރގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވާ މި ފޯރަމުން، ދެ ގައުމުގެ ދެމެދު އޮންނަ އިގްތިސާދީ ގުޅުންތައް ހަރުދަނާކުރުމަށް ދޭ އަހުމިއްޔަތުކަން ފެނިގެންދިޔައެވެ.

ފޯރަމްގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތުގެ ވިޔަފާރިތަކުން ދިވެހިރާއްޖޭގައި ވުނަކުރެވިދާނެ މައިގަނޑު ފަސް އިސްތިރާޖީ ދާއިރާއެއްގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އެ ފަސް ދާއިރާއަކީ، އުފެއްދުންތެރިކަމާއި ސަގާތާއި ފިކުރީ މުދަލުގެ މައްޗަށް އެކުލެވޭ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ، ޑިޖިޓަލް ޓްރާންސްފޯރމޭޝަން، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުން އީޖާދީ ބޭނުން ހިފުމުގެ ދާއިރާ އަދި ފަތުރުވެރިކަމުގެ ބިނާރުގެ ދާއިރާއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގައި ވުނަކުރުމުގެ މާހައުލު އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި، ފޮރިން އިންވެސްޓްމަންޓްގެ އާ ގާނޫނެއް ތަންފީޒުކުރެއްވުމާއި، ހާއްސަ އިގްތިސާދީ ސަރަޙައްދުތަކުގެ ހަރަކާތްތައް އަލުން ހިންގަވަން ފެއްޓެވުން ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ބްރޭންޑް ”ފްރޮމް މޯލްޑިވްސް“ އިފްތިތާހު ކޮށްދެއްވާފައެވެ.

މިފަދަ ބްރޭންޑެއްގެ މަގްސަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓްކުރުމެވެ.

މި ފޯރަމްގައި، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ވެސްޓް ލަންޑަން ޗެމްބަރސް އޮފް ކޮމަރސް އާއި ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ.

”މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް“ގައި ވާހަކަދައްކަވަމުން، ކޮމަންވެލްތު އެންޓަރޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަން، ދަ ރައިޓް އޮނަރަބަލް ލޯޑް މާލަންޑް ވަނީ، މުސްތަޤުބަލަށްޓަކައި ދިވެހިރާއްޖެއިން ގެންގުޅޭ ސާފު ތަޞައްވުރަށް ވުނޭރުންގެ އިތުބާރު ލިބެމުންދާކަން ފާހަގަކުރައްވާފައެވެ.

”އިންވެސްޓިންގް އިން ދަ ފިއުޗަރ: އަ ޑަޔަލޮގް އޮން މޯލްޑިވްސް އިކޮނޮމިކް ވިޜަން“ – މި ޝިއާރުގެ ދަށުން މިއަދުގެ ފޯރަމްގައި، މަތީ ފަންތީގެ ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށްގެންދަވާފައެވެ.

މި ސެޝަންގެ ބައިވެރިންނަށް، ރާއްޖޭގެ ވަފުދާއެކު މައުލޫމާތު ބަދަލުކުރުމުގެ ފުރުސަތު ލިބިފައިވެއެވެ.

އަދި ފަތުރުވެރިކަމާއި މަސްވެރިކަމާއި އިޔާދަކުރަނިވި ހަކަތަ އާއި ކުނި މެނޭޖްކުރުމާއި ފައިނޭންސިން ފަދަ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ބައިވެރިންނާއެކު ހިއްސާ ކުރެވިފައިވެއެވެ.