ކަނޑު ދަތުރު ކުރާއިރު، މޫސުމަށް ސަމާލުވުމަށް ގައުމީ ދިފާއީ ބާރުން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފުން މިފަދައިން އިލްތިމާސް ކުރިއިރު، 45 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާކޮށް، މެޓުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓު ވެސް ނެރެފައެވެ.

އެމްއެންޑީއެފުން ބުނީ، މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަކޮށް، މޫސުން ގޯސްވާނެ ކަމަށާއި ހާއްސަ މުޅި ރާއްޖެއަށް ވިއްސާރަވެ، ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކުރާ ކަމަށެވެ.

”ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސްކުރަމެވެ.“ މެޓުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށް އެދޭ ކަމަށެވެ.

އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ ނުވަތަ އޮރެންޖު އެލާޓް ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވެސް އިލްތިމާސްކުރިއެވެ.