ރަޝިއާގެ ކަމްޗަޓްކާއަށް އައި 8.8 މެގްނިޓުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން 100އަށްވުރެ ގިނަ އިތުރު ލޮޅުންތައް އެ ސަރަހައްދަށް އަރައިފިއެވެ.
ރަޝިއާ ކައިރިއަށް އައި ބިންހެލުމަކީ ފާއިތުވި 14 އަހަރުގެ ތެރޭގައި އައި އެންމެ ބާރުގަދަ، އަދި ތާރީހުގައި ހަވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ.
ޕެސިފިކް ކަނޑުގެ ހުޅަނގު އުތުރަށް އައި މި ބިންހެލުމުގެ ސަބަބުން، އެކި ގައުމުތަކުގެ އައްސޭރިއަށް ސުނާމީގެ ރާޅުތައް ވަނީ އަރައިފައެވެ.
ބާރުގަދަ ބިންހެލުމަކަށް ފަހު، އިތުރު ލޮޅުންތައް އެރުމަކީ އާއްމުކަމެކެވެ. އެގޮތުން މިހައިތަނަށް 100އަށްވުރެ ގިނަ ކުދި ލޮޅުންތައް އަރާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި ލޮޅުންތައް އިތުރުވެގެންދާނެ ކަމަށް ސައިންޓިސްޓުން ލަފާ ކުރެއެވެ.
މި ބިންހެލުމާ ގުޅިގެން ރަޝިއާއަށް ފަސް މީޓަރުގެ ސުނާމީ ރާޅު އަރާފައިވާއިރު، ހަވާއީ، ޖަޕާން، އަދި ކެލިފޯނިއާ އަށް ވެސް ސުނާމީގެ އަސަރު ކޮށްފައިވެއެވެ.
ބިންހެލުމަށްފަހު ”އާފްޓަރޝޮކް“ތައް އަރަމުންދާއިރު، ޕެސިފިކް ގައުމުތަކުގައި އައްސޭރިފަށުގައި އުޅޭ ރައްޔިތުން ސަމާލުވެ ގޮނޑުދޮށްތަކަށް ނުދިޔުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.
މި ބިންހެލުމާ ގުޅިގެން ގިނަ އިމާރާތްތަކަކަށް ގެއްލުން ލިބުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

