އެއިރެއްގައި އޮންނަ ސަރުކާރަކުން ދޭ އެއްޗަކަށް ބަލައިގެން އުޅޭނަމަ، ރާއްޖޭގެ މީޑިއާތައް ދުވަހަކު ވެސް ކުރިއަކަށް ނާާރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަނުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.

ނާޒިމް ވިދާޅުވާ ގޮތުގައި، ރާއްޖޭގެ މީޑިއާތައް މާލީ އެހީ ހޯދުމަށް ބަރޯސާ ވަނީ މަހުޖަނުންނާއި، އެ އިރެއްގައި އޮންނަ ސަރުކާރަކަށެވެ. އަދި މީޑިއާތަކުން ޚަބަރު ފަތުރަނީ، އެ އިރެއްގައި އޮންނަ ސަރުކާރަކުން އެދޭ ގޮތަށް ކަމުގައި ވެސް ނާޒިމް ވިދާޅުވިއެވެ.

މީޑިއާ އަކީ ވަކި ބައެއްގެ ނުފޫޒުގަ އޮވެފަ، ވަކި ބައެއްގެ ދަށުގައި އޮންނަ އެއްޗަކަށް ވެސް ވާކަށް ނުވާނެ. އެހެންވީމަ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މީޑިއާގައި ޒިންމާދާރުކަމާއެކު، ނޫސްވެރިކަން އަދާ ކުރާ ފަރާތްތަކަށް ވެސް، އެންމެ ފައިދާ ވާނީ، މިނިވަން މީޑިއާއެއް އޮވެފައި، ޕްރޮފެޝަނަލްކޮށް އެކަން ކޮށްފައި، އެކަމަށް ބޭނުންވާ ޗާޖު، އިޝްތިހާރުންނާ އެ ނޫން ވެސް ގޮތްގޮތުން، އެބޭފުޅުން ވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތެއް ހޯއްދެވިއްޔާ.“ ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލު ދިރާސާކޮށް، މެންބަރުން ބަހުސް ކުރުމަށް ޖާގަ ދިނުމުގެ ގޮތުން އަންނަ ދައުރަށް ބަހުސްގެ ބާކީ ބައި ކުރިއަށް ގެންދަން ނިންމާފައެވެ.

މި ބިލު އަނބުރާ ގެންދަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އަދި މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ވަނީ ގޮވާލާފައެވެ.