އިސްތަށިގަނޑަކީ ”ޕްރޮޓީން“އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބޮލުން ގިނައިން އިސްތަށި ފައިބާނަމަ، ތިބާއަށް ޕްރޮޓީން އަކީ ވަރަށް މުހިންމު އެއްޗަކަށް ވާނެކަން ކަށަވަރެވެ.

ބަޔޮޓިން، ވިޓަމިން އޭ، ޑީ، އަދި ޑީގެ އިތުރުން ބޮލުގެ ހަންގަނޑަށް ފައިދާ ހުރި މާއްދާތައް ކުކުޅު ބިހުގައި ހިމެނޭ ކަމަށް ސިއްހީ ލިޔުންތަކުގައި ވެއެވެ.

އެހެންވެ، ކުކުޅު ބިހަކީ ގޭގައި ”ކެރަޓިން މާސްކް“ ތައްޔާރު ކޮށްލަން ބޭނުން ކުރެވިދާނެ އެއްޗެކެވެ.

ފަސޭހައިން ތައްޔާރުކޮށްލެވިދާނެ އެގް މާސްކެއް:

1 ނުވަތަ 2 ބިސް އެއްޗަކަށް އަޅައި، ގިރާލުމަށްފަހު، އިސްތަށިގަނޑުގައި ރަނގަޅަށް އުނގުޅައި، ކެޕްއަކުން ނިވާކޮށްލާށެވެ.

އަދި 20 ވަރަކަށް މިނެޓުވަންދެން ބެހެއްޓުމަށްފަހު، މައިލްޑް ޝޭމްޕޫއަކުން ބޯ ދޮވެލާށެވެ. އެފަދަ ޝޭމްޕޫއަކުން ބިހުގެ ވަސް ނުފިލާނަމަ، ޝޭމްޕޫ ތެރެއަށް ކުޑަ ލުނބޯ ހުތް ކޮޅެއް އަޅާށެވެ.

ބިސް އުނގުޅުމަށްފަހުގައި، އިސްތަށިގަނޑު ދޮންނަންވާނީ ފިނި ފެނުން ނުވަތަ ކުޑަކޮށް ތާފަނާ ފެނުންނެވެ. ނަމަނަމަ ހޫނު ފެން ބޭނުން ނުކުރައްޗެވެ. ބިސް ރޯފިލައި، އިސްތަށިގަނޑުގައި ތަތްލައި، ބޮޑު އުނދަގުލަކަށް މިކަން ވެދާނެއެވެ!

މިގޮތަށް ބިހާއި ޒައިތޫނި ތެޔޮ، ނުވަތަ ބިހާއި ޔޯގަޓް އެއްކޮށްގެން ވެސް ހެއާ މާސްކް ތައްޔާރުކޮށްލެވިދާނެއެވެ. ‏އަދި ކާށިތެޔޮ ނުވަތަ މާމުއި ސަމުސަލެއް ވެސް ބިހާއިއެކުގައި ބޭނުން ކުރެވިދާނެއެވެ.

މިއީ ހައްތަހާވެސް އިސްތަށިގަނޑަށް ފައިދާ ހުރި މާއްދާތައް ހިމެނޭ ތަކެއްޗެވެ.

ހަފްތާއަކު ދެ ފަހަރު، ގަވައިދުން މިފަދަ އެގް މާސްކެއް ބޭނުން ކޮށްގެން އިސްތަށިގަނޑަށް ފަރުވާ ކުރާނަމަ، އިސްތަށިގަނޑު ރީތިވެ، ވަރުގަދަ ވާނެއެވެ.

ަ

މަސްދަރު: ޓައިމްސް އޮފް އިންޑިއާ

ު