އއ. މާޅޮސް، އޯކިޑްމާގެ، އަބްދުއްރަހުމާން އާދަމް މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އަނެއް މީހާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހުމާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ތިން މީހަކު ހައްޔަރުކޮށްފައެވެ.

އެމީހުން ހައްޔަރު ކުރީ ފުލުހުންގެ ޓީމެއް އެރަަށަށް ގޮހެވެ. އަނެކަކު ހައްޔަރުކުރީ މާލެއިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިޝާމް (22އ) އާއި އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސް (27އ) އަދި އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދު (27އ)އެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވިޝާމާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށް، އާޝިދު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އަބްދުއްރަހްމާނަށް ހަމަލާދީ މަރާލީ، މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

ހަމަލާދިންތާ މާ ގިނައިރުތަކެއް ނުވަނީސް އަބްދުއްރަހުމާން، މާޅޮހު ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ނަމަވެސް އޭގެ މާގިނަ އިރުތަކެއް ނުވެ، ފަރުވާ ދެމުން އަންނަނިކޮށް އޭނާ ނިޔާވިއެވެ.