ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓް ކުރާ ބިލު ފާސް ކުރަން އަވަސް ކުރަން ގޮވައިލައި އިހުތިޖާޖު ކުރަމުން އެބަދެއެވެ.

ރައްޔިތުންގެ މަޖިލިސް ކައިރީގައި، ބިލާ ދެކޮޅު ނޫސްވެރިންނާއި، އިދިކޮޅު މައި ޕާޓީ އެމްޑީޕީން ވެސް ދަނީ ގުޅިގެން އިހުތިޖާޖެއް ކުރަމުންނެވެ.

ބިލާ އެއްކޮޅަށް އަޑު އުފުލާ މީހުން ބުނަމުންދަނީ ނޫސްވެރިން ރެގިއުލޭޓު ކުރާ ބިލު ފާސް ކުރުން އަވަސް ކުރަން ޖެހޭ ކަމަށެވެ.

މީޑިއާތައް މެދުވެރިކޮށް ދޮގު ޚަބަރު ފެތުރުމާއި، މީހުންގެ އަބުރަށް އަރައިގަތުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު، އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލުގައި ބައެއް ނޫސްވެރިން ކަންބޮޑުވާ ކަންކަން ހުރުމުން، ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެ ބިލަށް 14 އިސްލާހެއް ހުށަހަޅުއްވައިފައެވެ.

ރޭ މީރުމާ ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު(އަސްވާޑު) ވަނީ ބިލުގައި މިހާރު ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނޯންނާނެކަމުގެ ޔަގީންކަން ދެއްވައި، ބިލު އޮތީ ނޫސްވެރިންގެ ”ފޭވަރ“ގައި ކަމަށް ވިދާޅުވެފައެވެ.

އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރި މީޑިއާ ބިލާ ގުޅޭގޮތުން އިތުރު ގޮތްތަކެއް ނިންމުމަށް، މިއަދު  ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް 2:30އަށް ވަނީ ތާވަލު ކޮށްފައެވެ.

މި ބިލު ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް މިއަދު ހަވީރު އޮންނާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ދައުރުން ބޭރު ޖަލްސާ މިއަދު ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 04:00 ގައެވެ.