ރަޝިއާގެ ކަމްޗަޓްކާއަށް ވަރަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، މި ބިންހެލުން އައިސްފައި ވަނީ 7.8 މެގްނިޓިއުޑްގެ ބާރު މިނުގައެވެ.
މި ބިންހެލުން އައިސްފައި ވަނީ 10 ކިލޯމީޓަރު އަޑިންނެވެ.
ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނީ، މި ބިންހެލުމުގެ ސަބަބުން، ޕެސިފިކްގެ ބައެއް ހިސާބުތަކަށް ސުނާމީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.
މި ބިންހެލުމާ ގުޅިގެން، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ނެތެވެ.
ނިމިގެންދިޔަ ޖުލައި ކަމްޗަޓްކާއަށް 7.4 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އައިސް، އަލިފާން ފަރުބަދައެއް ގޮވައިފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ، މި ބިންހެލުން އައީ ރާއްޖެއާ 9432 ކިލޯމީޓަރު ދުރު ސަރަހައްދަކަށް ކަމަށެވެ.
ނަމަވެސް، މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ވެސް މެޓުން ބުންޏެވެ.

