ވ.ފުލިދޫގެ ބަނދަރުގެ މަސައްކަތާ އެކު ބާރަ ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މުއިއްޒު މި ޔަގީންކަން ދެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، ފުލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއްކަން ފާހަގަކުރައްވައި، ރައީސް ވަނީ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުމުގެ ކުރިން، ބިން ހިއްކުމަކީ ރައްޔިތުން ބޭނުންވާ ކަމެއްކަން ލިޔުމުން ކައުންސިލް މެދުވެރިކޮށް ސަރުކާރަށް އެންގުމަށް އެދިވަޑައިގަންނަވައިފައެވެ.

ދާދި ފަހުން އެހެން ރަށެއްގައި ބިންހިއްކުމުގެ މަސައްކަތުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިފަހުން، އެ މަސައްކަތް ކުރިއަށް ގެންދަން ރައްޔިތުން ބޭނުންނުވާތީ އެކަން ހުއްޓާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލިދޫއަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ރަށުގެ މޫދާއި ފަޅުގެ ރީތިކަން ދަމަހައްޓަން ރައްޔިތުން ބޭނުންވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަން އެގޮތުގައި އޮންނާނެ ގޮތަކަށް ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމަނިކުފާނުވެސް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން ގޮތް ނިންމުމުން، ބިން ހިއްކުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށެވެ.

ފުލިދޫ އަކީ ޓޫރިޒަމްގެ ދާއިރާއިން ރާއްޖޭގެ އިޤުތިޞާދުގައި ބޮޑުހިއްސާއެއް އަދާކުރާ، ރަށުގައި ޑޮލަރު ދައުރަވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރިން ފެލިދޫގައި ޑޮލަރު އޭޓީއެމެއް ބަހައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.