ބޮޑުހިލައިގެ ޝިޕްމަންޓް ލިބުމާއެކު، ފީއަލީގައި ހުއްޓިފައި އޮތް ބިންހިއްކުމުގެ މަޝްރޫއު، އަލުން ފެށިގެންދާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ރައްޔިތުންނާއި އަދު ރަށުގެ އިސްވެރިންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން، ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް، ޖުމުލަ 15 ހެކްޓަރުގެ ބިން ހިއްކޭނޭ ގޮތަށް، އެ މަޝްރޫއު ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފީއަލީގެ އިތުރުންވެސް، ބޮޑުހިލަ ނުލިބުމުގެ ސަބަބުން މަސައްކަތް ހުއްޓިފައި ހުރި ރަށްރަށުގެ މަސައްކަތް، އާ ޝިޕްމަންޓްތައް ލިބެމުންދާ މިންވަރަކުން އަލުން ފަށައިގެން ކުރިއަށްގެންދަވާނެކަން ފާހަގަކުރައްވައި، ފީއައްޔަށް ބޭނުންވާ ޝިޕްމަންޓްވެސް ވަރަށް އަވަހަށް ގެނެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފ އަތޮޅު މަދަރުސާގައި މިއަދު ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ތަރައްގީއާއި އާންމު ދިރިއުޅުމުގެ ކަންތައްތަކާ ގުޅޭގޮތުން ބައިވެރިންނާ ހިޔާލުބަދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައްޔިތުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށި، އަލަށް ފަށާ މަޝްރޫޢުތައްވެސް އެއްވާނެއްގައި ގޮސް ނިންމާލުމުގެ މުހިންމުކަން ހިމެނެއެވެ. އަދި ފީއަލީ އައިސްޕްލާންޓާ ގުޅިގެން ހިލާފު އުފެދިފައިވާ ކަންކަމަށް ޙައްލެއް ހޯދުމުގެ މައްޗަށްވެސް ރައްޔިތުންގެ މަންދޫބުން ވާހަކަފުޅުދައްކަވާފައިވެއެވެ.
ރައްޔިތުން އަލިއަޅުއްވާލެއްވި ކަންކަމަކީ، ތަރުތީބުކުރެވި، ފެށި، ނުވަތަ ފެށުމުގެ މަރުޙަލާގައި ހުރި ކަންތައްތަކެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކުން އެ ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނޭކަމުގެ ޔަގީންކަންދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން، ފީއަލީގައި ބަނދަރު އަޕްގްރޭޑްކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުއާއި، މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއުއާއި ފުޓްސަލް ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.
އަދި ފީއަލީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި، އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް ރަސްމީގޮތުން މިއަދު ވަނީ ފައްޓަވައިދެއްވާފައެވެ.

