އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި، އިނގެރޭސިވިލާތާއި، އޮސްޓްރޭލިއާ އަދި ކެނެޑާ އިން ވެސް، ފަލަސްތީނުގެ ދައުލަތް ބަލައިގެންފިއެވެ.
އަންނަ ހަފްތާގައި، އދގެ އާއްމު މަޖިލީހުގައި، ފްރާންސް އިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެކި ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަމުން އަންނައިރު، އިޒްރޭލުން، ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. ނަމަވެސް، މިއީ އިޒްރޭލަށް ޕްރެޝަރު ކުރިމަތި ކުރުވާނެ ކަމެއް ކަމަށް ޚަބަރުތައް ބުނެއެވެ.
އިނގެރޭސިވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ ގުޅިގެން، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވަނީ، އިނގިރޭސި ސަރުކާރަށް ޝުކުރު އަދާ ކުރައްވައިފައެވެ. މިއީ ސުލްހައިގެ މަސައްކަތުގައި ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އައްބާސް ވަނީ ސިފަ ކުރައްވައިފައެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިވަގުތު އެންމެ މުހިންމީ، ހަނގުރާމަ މެދުކަނޑައިލައި، އެންމެ ޒަރޫރީ ތަކެއްޗަށް ދަތިވެފައިވާ ޣައްޒާ އަށް އެހީ އެތެރެ ކުރެވޭނެ ގޮތް ހެދުމެވެ. އަދި ޣައްޒާގައި ހަރަކާތްތެރިވަމުންދާ އިޒްރޭލުގެ ސިފައިން ފައިބަން ޖެހޭ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
ފަލަސްތީނު ބަލައިގެންފައިވާ އޮސްޓްރޭލިއާ އިން ބުނީ، އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް އޮތް ހައްލަކީ ޓޫ-ސްޓޭޓް ސޮލިއުޝަން ކަމަށެވެ.
އިނގެރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާ އިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމި ނިންމުން، އިޒްރޭލުގެ ސިޔާސީ ފަރާާތްތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ.

