ނާލާފުށީ ބިންހިއްކާއިރު މިހާރުގެ ރަށުގެ ސައިޒަށްވުރެ އިތުރަށް، ފަނަރަ ހެކްޓަރުގެ ބިން ހިއްކައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. ނާލާފުއްޓަށް މިއަދު ހަވީރު ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ނާލާފުށީގައި ބަނދަރުބޮޑުކުރުމާއި ބިންހިއްކުމާއި ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންދާނީ އެއްކުންފުންޏަކުންކަން ފާހަގަކުރައްވައި ވިދާޅުވީ، ބަނދަރުބޮޑުކުރުމާއި ބިންހިއްކުމުގެ މަސައްކަތް ޢަމަލީގޮތުން މިއަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
ރައީސް ނާލާފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައި، އެރަށުގެ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ދެމެދު ވަނީ ސޮއިކުރައްވާފައެވެ.
ރަށުގެ ތަރައްގީއަށް ކުރަމުންދާ އެހެން ކަންކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދިރާސީ އާ އަހަރަށް ރަށުގެ ސްކޫލްގެ މަސައްކަތްވެސް ފުރިހަމަކޮށްދެއްވާނެކަމަށެވެ.
މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ ހިދުމަތް އިތުރުކުރުމާއި ފުޓްސަލް ދަނޑެއްހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އެމަނިކުފާނުވަނީ ނާލާފުށީގެ ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރިއަށްގެންދާ މަޝްރޫއުތައް ރައްޔިތުން އުއްމީދު ކުރާވަރަށް، ފުރިހަމަކަމާއި އެކީ ހާސިލު ކޮށްދެއްވާނެކަމުގެ ޔަގީންކަންދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން، ނާލާފުށީގެ ތަރައްގީއާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ވަނީ ރަސްމީކޮށް އިފްތިތާހު ކުރައްވާފައެވެ.
އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ބިންގާ އެޅުމުގެ މަޝްރޫއުއާއި، ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ މަޝްރޫއުގެ އިތުރުން، އައު ކައުންސިލް އިދާރާގެ އިމާރާތުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ.

