ތ. ވަންދޫ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ތ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަންދޫ ކައުންސިލު މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ބުނީ ބަނދަރު މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، 452 މީހުންގެ އާބާދީއެއް އޮންނަ ވަންދުއަށް ދިމާވެފައިވާ ލަފައިފުރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ރަށް ގިރުމުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.

