ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގި ކޮރަޕްޝަންގެ މައްސަލަތައް އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް އައުމުން ދެއްވީ ބީރު ކަންފަތެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު ހިންގާފައި ހުރި  2.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ދާދިފަހުން ވަނީ ފަޅާއަރުވާލާފައެވެ.

އަދި ކްރިމިނަލް ކޯޓުން ވަނީ ދައުލަތުން ސައީދުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވުމުން، އޭނާ 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ފެނަކައިގެ ތެރޭގައި ކޮރަޕްޝަން ހިނގާކަން އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް ސޯލިހުގެ ސަމާލުކަމަށް ގެނައި ކަމަށާއި ނަމަވެސް އެކަމަށް އެމަނިކުފާނު ދެއްވީ ބީރު ކަންފަތެއް ކަމަށެވެ.

އަދި މިއީ ސޯލިހަށް ހަނު ހުންނެވޭނެ ކަހަލަ މައްސަލައެއް ނޫން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ގޯހެއް ހެއްދެވި އިރު، ރައީސްގެ ސަމާލުކަމަށް އައިސް ނެތިއްޔާ ކުރާނެ ކަމެއް ނެތް ކަމަށާއި އެހެން ނަމަވެސް، ލިޔެކިޔުމުން އެކަން ރައީސް ސޯލިހުގެ ސަމާލުކަމަށް އޮތީ ގެންނަވާފައި ކަމަށެވެ.

އަދި ފެނަކައިގެ ކޮރަޕްޝަނަށް ސަރުކާރުން ސަމާލުވާން ޖެހޭކަމާއި، އެގޮތަށް ހިނގަން ދޫކޮށްނުލުމަށް އޭސީސީގެ އޭރުގެ ރައީސް ސިޓީއަކުން ދަންނަވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

އަދި ފެނަކައިގެ އޭރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވެސް އެ ކުންފުނީގައި ހިންގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް ސޯލިހުގެ ސަމާލުކަމަށް ގެންނެވި ކަމަށާއި އޭރު މެނޭޖިން ޑިރެކްޓަރުގެ އަމަލުތައް ފެނަކައިގެ ތެރޭގައި ވަރަށް ގޯސްކަމާއި ވައްކަން އިތުރުވާކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބޮޑުވާކަން ފާހަގަކުރެއްވި ކަމަށް ސައީދު ވިދާޅުވިއެވެ.

އެހެންވެ، ފެނަކައިގެ އެ ހުރިހާ ކަމެއްވެސް ހިނގައިގެންދިޔައީ ރައީސް ސޯލިހަށް އެނގިވަޑައިގެންކަން، މި ހުރިހާ ކަމަކުން އެނގިގެންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.