އިޒްރޭލާއި ދިވެހިރާއްޖެއާއި ގުޅުން ބަދަހި ކުރުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރީ، އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާގައި، ފަލަސްތީނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން  ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި އައިފާން ވަނީ، އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2009 ވަނަ އަހަރު، އިޒްރޭލާ ގުޅުން ބަދަހި ކުރަން މަސައްކަތް ކުރިކަން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވީ، މިއީ އެމްޑީޕީއަށް ހަޖަމު ވާނެ ހަގީގަތެއް ނޫން ކަމަށެވެ.

”2010 ވަނަ އަހަރު، އިޒްރޭލުގެ ޑޮކްޓަރުންގެ ޓީމެއް، މި ދިވެހިރާއްޖެއަށް ގެނައި. 2011 ވަނަ އަހަރު، އޭރުގެ ފޮރިން މިނިސްޓަރު، އިޒްރޭލަށް ދަތުރު ކުރި، މި ހަގީގަތް ބަދަލެއް ނުކުރެވޭނެ، އިއްޒަތްތެރި ރައީސް.“ އޭނާ ވިދާޅުވިއެވެ.

އައިފާން އިތުރަށް ވިދާޅުވީ، އިޒްރޭލުން ޣައްޒާއަށް އެންމެ ވަރުގަދައަށް ހަމަލާދެމުން އަންނަތާ 2 އަހަރު ފުރޭން ކައިރިވީއިރު، މި ހަނގުރާމަ ފެށީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށެވެ. ނަމަވެސް އެ ސަރުކާރުން ފަލަސްތީނުގެ ހައްގުގައި ވަކާލާތުކޮށްފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

 

ި