އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސޯރުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެންނާންޖެހޭކަން ހާމަކުރުމަށް، ޣައްޒާއަށް ކަނޑުމަގުން ދަތުރު ކުރި ގްލޯބަލް ސުމޫދު ފްލޮޓީލާ(ޖީއެސްއެފް)ގެ އުޅަނދުތައް އިޒްރޭލުގެ ބާރުގެ ދަށަށް ގެންދިޔުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޑު އުފުލައިފިއެވެ.
ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރި ފްލޮޓީލާގެ 44 އުޅަނދުގައި، ދުނިޔޭގެ އެތައް ގައުމެއްގެ 500އެއްހައި އެކްޓިވިސްޓުން ބައިވެރިވިއެވެ.
ނަމަވެސް، އިޒްރޭލުން ވަނީ، ފްލޮޓީލާގެ އުޅަނދުތައް ”އިންޓަރސެޕްޓް“ކޮށް އޭގައި ތިބި މީހުން އިޒްރޭލަށް ގެންގޮސްފައެވެ. އެ އުޅަނދުތައް އިޒްރޭލުން ހުއްޓުވީ، ޣައްޒާއާ 130 ކިލޯމީޓަރަށް ކައިރިވެފައި ވަނިކޮށެވެ.
އުޅަނދުތަކުގައި ތިބި މީހުން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވައިލާނެ ކަމަށް ބެލެވެއެވެ. އަދި އިޒްރޭލަށް ނާދެވޭ ގޮތަށް ޑީޕޯޓު ވެސް ކުރާނެ ކަމަށް ބެލެވެއެވެ.
މީގެ ކުރިން ވެސް، ޣައްޒާ އަށް އެތެރެވުމަށް މަސައްކަތް ކުރި އުޅަނދުތައް ހުއްޓުވައި، އެ އުޅަނދުފަހަރުގައި ތިބި މީހުން އިޒްރޭލުން ޑީޕޯޓުކޮށްފައިވެއެވެ.
ފްލޮޓީލާގެ އުޅަނދުތައް ހުއްޓުވިއިރު، އިޒްރޭލުން ވަނީ، އެ އުޅަނދުތައް ވަންނަން އުޅެނީ ހަނގުރާމައިގެ ސަރަހައްދަކަށް ކަމަށް ބުނެ، އެ މީހުންނަށް ޣައްޒާއަށް އެތެރެވިޔަ ނުދޭނެ ކަމަށް ކުރިން ވެސް ބުނެ، އިންޒާރުދީފައެވެ.
ޣައްޒާގެ ހިސޯރު ނައްތާލުމަށް ފެށި ހަރަކާތް ހުއްޓުވުމުން، ގިނަ ގައުމުތަކެއްގެ އާއްމު ރައްޔިތުން ނުކުމެ ދަނީ އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
އެގޮތުން އިޓަލީ، ތުރުކީ، މެލޭޝިއާ، ކޮލަމްބިއާ އަދި ދެކުނު އެފްރިކާއާއި ޔޫކޭގެ އިތުރުން ވެސް، ބައެއް ގައުމުތަކުން ވަނީ، ޣައްޒާގެ ދިފާއުގައި އެއްވެ، އަޑު އުފުލައިފައެވެ.
މިފަދަ ގިނަ ގައުމުތަކުގެ ރައްޔިތުން ދަނީ، އިޒްރޭލާ ގުޅުން ކަނޑައިލުމަށް ވެސް ގޮވައިލަމުންނެވެ.
2007 ވަނަ އަހަރު ހަމާސްއިން ޣައްޒާގައި ވެރިކަން ކުރަންފެށި ފަހުން، އިޒްރޭލުން ވަނީ، އެކި ދުވަސްމަތިން، އެކިގޮތްގޮތަށް ޣައްޒާ ހިސޯރުކޮށް، އިންސާނީ އެހީއަށް ވެސް ހުރަސް އަޅައިފައެވެ.

