ކުރީ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މަސައްކަތް ކުރުވައި، ކުންފުނިތަކަށް ނުދައްކާ ހުރި ބިލުތަކަށް 50 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އަމިއްލަ ގިނަ ވިޔަފާރިތަކަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާތަކެއް ކުރީ ސަރުކާރުން އޮތީ ނުދައްކައެވެ.
އޭގެތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަކުން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހިމެނެއެވެ.
މިނިސްޓަރު ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރު ފެށުނުއިރު، އިސްލާމިކް މިނިސްޓްރީގައި އެކަނިވެސް 30 ވަރަކަށް މިިލިއަން ރުފިޔާ ކުންފުނިތަކަށް ނުދައްކާ އޮތް ކަމަށެވެ.
އަދި މަސައްކަތްކޮށްފައިވާ، ނަމަވެސް ބިލުތައް ނައިސް ހުރި އަދަދާއެކު ޖުމުލަ 50 މިލިއަން އޮތް ކަމަށާއި، އެ ހުރިހާ ފައިސާއެއް މިދިޔަ އަހަރު ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ދައްކާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މަސައްކަތް ކުރުވައި، ފައިސާ ނުދީ ހުރި އެތައް ހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ ދައްކައި ނިންމަވާނެ ކަމަށެވެ.
”17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިއަށް އޮތް ފަސް ހަފުތާ ތެރޭ ދައްކައި ނިމޭނެކަން ދަންނަވަން..“ އެމަނިކުފާނު ވިދާޅުވިއެވެ.

