ރައީސް ޔާމީން އަބްދުލްޤައްޔޫމް ބޮޑުތިލަދުންމައްޗަށް ވަޑައިގަންނަވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ރައްޔިތުންނަށް އިހުމާލުވެފައިވާ މިންވަރު ބެއްލެވުމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އަތޮޅު ތެރެއަށް ދަތުރުފުޅު ކުރައްވަން ފައްޓަވާފައިވާއިރު، ހއ.އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މޫސުން ރަނގަޅު ނަމަ، އަންނަ ހިނިހިރު ދުވަހު، ދަތުރުފުޅު ފައްޓަވާނެ ކަމަށް ޕީޕީއެމުން ބުނެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅާ ގުޅިގެން ސަންގު ނިއުސްގައި ޝާއިއު ކުރި ރިޕޯޓެއްގައި، ރައީސް ޔާމީން ތިލަދުންމައްޗަށް ވަޑައިގަންނަވާތީ ފާޑުކިޔާފައިވެެއެވެ.
މިކަމަށް ރައްދު ދެއްވައި އަބްދުއްރަހީމް ވަނީ ރައީސް ޔާމީން ބޮޑުތިލަދުންމައްޗަށް ވަޑައިގަންނަވަނީ ރައީސް ސޯލިހުގެ މި އަނިޔާވެރި، ”ސްލޯ“ ސަރުކާރުން ރައްޔިތުންނަށް އިހުމާލުވެފައިވާ މިންވަރު ބައްލަވާލައްވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ގާތުން އަޑު އައްސަވާ ރައްޔިތުންނަށް އުންމީދު ދެއްވުމަށް ކަމުގައި ވިދާޅުވެފައެވެ.
ރައީސް ޔާމީން ބޮޑުތިލަދުންމައްޗަށް ވަޑައިގަންނަވަނީ އިބޫ ސޯލިހުގެ މި އަނިޔާވެރި ސްލޯ ސަރުކާރުން ރައްޔިތުންނަށް އިހުމާލުވެފައިވާ މިންވަރު ބައްލަވާލައްވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ގާތުން އަޑު އައްސަވާ ރައްޔިތުންނަށް އުންމީދު ދެއްވުމަށް #ރައީސްޔާމީން2023 pic.twitter.com/gUgzQNiREy
— Abdul Raheem Abdulla (@Banafsaa) October 12, 2022
ރައީސް ޔާމީން ދާދި ފަހުން ދ.ކުޑަހުވަދޫއަށްވެސް ވަޑައިގެންނެވިއެވެ. އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
