ރަސްމާލެ ޑިޒައިންކޮށް، ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

ރަސްމާލެއަކީ މާލޭ ކައިރި ފުށިދިއްގަރު ފަޅުން 1009 ހެކްޓަރު ހިއްކައިގެން، ތިމާވެއްޓާ ރައްޓެހިކޮށް، އިކޯ ސިޓީއެއް ގޮތަށް ތަރައްގީ ކުރާ ސިޓީއެކެވެ.

ރަސްމާލޭގެ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ހޯދުމުގެ މައިގަނޑު މަގްސަދަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިންގ މޮޑެލް އުސޫލުތަކަށް ފެތޭ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިގްތިސާދީ ގޮތުން ފުދުންތެރި މާސްޓަރ ޕްލޭނެއް އެކުލަވާލުންކަމަށް ފިނޭންސުން ބުނެއެވެ.

އަދި މިއީ ދުރު ރާސްތާގެ ތަރައްގީއަށް މަގުފަހިކޮށްދޭ، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮންސަލްޓަންޓެއް ހޮވުމަށް ހަމަޖެހިފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން މެތަޑް އާއި އެއްގޮތަށެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް “އެކްސްޕްރެޝަން އޮފް އިންޓަރެސްޓް” ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫ ކަމުގައިވާ ”ރަސްމާލެ މަޝްރޫއު“ގެ އަމަލީ މަސައްކަތް ފެށީ 2023 އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ.