ބައިލައްކައަށްވުރެ ގިނަ ފައިސާ ހުރި ފޮއްޓެއް ގެއްލިގެން ފުލުހުންނަށް މައްސަލަ ރިޕޯޓްކުރިތާ ގިނައިރުތަކެއް ނުވެ ގެއްލުނު ފައިސާތައް ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.

އިއްޔެގެ މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މި މައްސަލައިގައި ގެއްލިފައިވަނީ ރިސޯޓެއްގެ ސްޓާފް ޝޮޕްގެ ސެޕްޓެމްބަރު މަހުގެ ސޭލްސް ފައިސާކަމަށްވާ 53،000 ރުފިޔާ ހުރި ފޮއްޓެކެވެ.

މި ފޮށި ގެއްލިފައިވަނީ އެ ރިސޯޓުން މާލެ އައި ލޯންޗު ނަސަންދުރަ ކައިރިއަށް ފައިސާތަކާއެކު ފޮށި ބާލާފައިވަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ހޭންވޭރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ފޮށި ހޯދުމަށް ސީސީޓީވީ ކެމެރާ ފުޓޭޖްތައް ބަލައި، ކުރި މަސައްކަތުން މައްސަލަ ހުށަހެޅުނުތާ 30 މިނިޓެއް ހާއިރުތެރޭގައި ވަނީ އެ ފޮށި ހޯދާފައެވެ.

މި ފޮށި ފެނިފައިވަނީ އެހެން ލޯންޗަކަށް އަރުވާފައިވަނިކޮށެވެ.

މި ފައިސާތައް މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.