”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތައް ކަނޑައެޅުމުގެ ގުރުއަތުގައި ބައިވެރިނުވާ ފަރާތްތަކަށް ހާއްސަކޮށްގެން މާދަމާ ހައުސިން މިނިސްޓްރީގައި ގުރުއަތު ނެގުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
މި ގުރުއަތު ނެގުން އޮންނާނީ މާދަމާ މެންދުރު ފަހު 3:00 އިން ފެށިގެންނެވެ.
މި ގުރުއަތު ނެގުން ކުރިއަށް ގެންދަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ފްލެޓްތައް ކަނޑައެޅުމަށް ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި، ފްލެޓް ލިބޭ ކަމަށް ޝަރުތުހަމަވެ، ގުރުއަތުގައި ބައިވެރިނުވެވުނު ފަރާތްތަކަށެވެ.
މީގެ ތެރޭގައި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތުހަމަވެ 73 އިން މަތިން މާކްސް ލިބުނު ނަމަވެސް ގުރުއަތު ނުނެގުނު ފަރާތްތަކާއި، ތިން ކޮޓަރީގެ ފްލެޓަށް ޝަރުތުހަމަވެ 76 އިން މަތިން މާކްސް ލިބި، ގުރުއަތު ނުނެގުނު ފަރާތްތައް ހިމެނެއެވެ.
އޭގެ އިތުރުން، ދެމަފިރިންނަށް ވަކިން ފްލެޓް ލިބިފައިވާ ހާލަތްތަކުގައި، ދެމަފިރިންގެ ތެރެއިން އެއް ފަރާތުން ފްލެޓް ދޫކޮށްލުމަށްފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތައް ވެސް މި ގުރުއަތު ނެގުމުގައި ހިމެނޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީ ކޮށްފައިވާ 4000 ފްލެޓް ލިބޭ މީހުންގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު ދަނީ ކުރަމުންނެވެ.
އަދި ޑައުންޕޭމަންޓް ދައްކާފައިވާ ބައެއް ފަރާތްތަކަށް މިހާރު ވަނީ ފްލެޓްތައް ހަވާލުކުރަން ވެސް ފަށާފައެވެ.

